އެމެރިކާގެ ނިއުޔޯކު ސިޓީގެ މޭޔަރުކަމަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިހާބުވެ، އޭނާގެ މަގާމުގެ ހުވާ ކީރިތި ގުރުއާނުގައި އަތްލައިގެން ކޮށްފިއެވެ.

މިއީ އެ ސިޓީގެ ތާރީހުގައި މުސްލިމަކު މި މަގާމާ ހަވާލުވި ފުރަތަމަ ފަހަރެވެ. މިކަން ވެގެން ގޮސްފައިވަނީ ނިއުޔޯކުގެ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

މި ތާރީހީ ރަސްމިއްޔާތުގައި މޭޔަރުކަމުގެ ހުވާކުރެއްވީ ޒޯރާން މަމްދާނީއެވެ. އޭނާ ހުވާކުރެއްވިއިރު ކީރިތި ގުރުއާނުގެ މުސްހަފެއްގައި އަތްލައިގެން ހުންނެވި މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާންމުވެފައެވެ. މި ރަސްމިއްޔާތުގައި އޭނާގެ އާއިލާގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.

މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނިއުޔޯކަކީ އެކި ނަސްލުތަކާއި އެކި ދީންތަކުގެ މީހުން ދިރިއުޅޭ ސިޓީއަކަށްވާއިރު، މުސްލިމަކު މި މަގާމަށް އައުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.