އައު ޚިދުމަތްތަކާއެކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި އެ ކޯޕަރޭޝަންގައި ބޭއްވި ހަފްލާއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
ޙައްޖު ކޯޕަރޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭއިން ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ރެޖިސްޓަރ ކުރުމާއި ޙައްޖު އަދި ޢުމްރާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މި ގެނެވުނު ބަދަލުތަކުން ކޯޕަރޭޝަނުންދޭ ޚިދުމަތްތައް ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓްގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު، ޙައްޖު ކިއުލިސްޓް އާންމުންނަށް ފެންނާނެ ގޮތަށް ވެބްސައިޓްގައި އާންމުކުރުން، ވެބްސައިޓް މެދުވެރިކޮށް ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި” ޕޯޓަލްގެ ޙިދުމަތްތައް ހޯދުމަށް ފަސޭހަވެގެން ދިއުން ހިމެނެއެވެ.
މީގެ އިތުރުން، ޙައްޖު އަދި ޢުމްރާ ދަތުރުތަކާއި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް އާންމުކޮށް ވެބްސައިޓްގައި ޝާއިއުކުރެވިގެންދާނެއެވެ.
ޓެކްނޮލޮޖީގެ މިޒަމާނުގައި ރައްޔިތުން ގިނަ ޚިދުމަތްތައް ހޯދަމުންދަނީ މޮބައިލް ފޯނުގެ ޒަރީއާއިންކަމަށްވާތީ ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފައިވަނީ މޮބައިލް ފޯނުން ޚިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަށެވެ. އެގޮތުން، މި ވެބްސައިޓްގެ ހުރިހާ ޚިދުމަތްތަކެއްވެސް ފަރުމާކޮށްފައިވަނީ މޮބައިލް ފްރެންޑްލީ ވާޝަންތަކެއްގެ ގޮތުގައެވެ.
އެ ކޯޕަރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމުގެ ގޮތުން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތްވަނީ މިހާރު ފަށާފައެވެ. މޮބައިލް އެޕްލިކޭޝަނާއެކު އޮންލައިން ޕޯޓަލް އަދި ވެބްސައިޓްގެ ތެރެއިން ދެވޭ ހުރިހާ ޚިދުމަތްތަކެއް މޮބައިލް އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ލިބިގެންދާނެއެވެ.
މިީގެ ކުރިން ޙައްޖު ކޯޕަރޭޝަނުން ބޭނުންކުރީ އެމްއެޗްސީއެލް.އެމްވީ ނަމަވެސް އައު ވެބްސައިޓަށް ވަނުމަށް ބޭނުންކުރާނީ ޙައްޖު.އެމްވީ އެވެ.
