ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ގޮވައިގެން ހޮސްޕިޓަލަށް ދަނިކޮށް ނޫސްވެރިން ވީޑިއޯ ނެގުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މުމްބާއީގެ ހޮސްޕިޓަލަކަށް އޭނާ ދިޔަ ވަގުތު އެތަނަށް އެއްވެ ތިބި ފޮޓޯގްރާފަރުންނާއި މީޑިއާތަކުން ފޮޓޯއާއި ވީޑިއޯ ނަގަން ފެށުމުން ޝްރައްދާ ވަނީ އެކަން ހުއްޓާލުމަށް އެދިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލަށް ވަންނަން ދިޔައިރު ޝްރައްދާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެފައެވެ. އަދި ކެމެރާތައް ދިއްކޮށްގެން ތިބި މީހުން ކައިރީގައި، "ވީޑިއޯ ނުނަގާށޭ" ބުނާ އަޑު އިވެއެވެ. އާންމުކޮށް މީޑިއާތަކާ ވަރަށް ގާތްކޮށް ވާހަކަދައްކާ ޝްރައްދާ މިފަހަރު ފެނުނީ ވަރަށް ތަފާތުކޮށް، ސީރިއަސްކޮށެވެ.

މި ދަތުރުގައި ޝްރައްދާ ހޮސްޕިޓަލަށް ދިޔައީ ސީދާ ކޮން ކަމަކާ ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބައްޕަ ގޮވައިގެން ދިޔަ ވަގުތު އޭނާ ހުރި ގޮތުން، އެ ވަގުތަކީ އާއިލީ ގޮތުން ނާޒުކު ވަގުތެއްކަން ފާހަގަކުރެވެއެވެ. މި މަންޒަރު ފެނުމުން އޭނާގެ ފޭނުން އަންނަނީ ޝްރައްދާއާއި އާއިލާއަށް ހެޔޮ ދުއާކުރަމުންނެވެ.