ކެނެޑާ ސަރުކާރުން އިމިގްރޭޝަން ގަވާއިދުތަކަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އިންޑިއާގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ގައުމުން ފައިބަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މިކަން މިހެން ދިމާވީ ކެނެޑާއިން ވިސާ ދޫކުރުން މަދުކޮށް، ގައުމުގައި ތިބޭ ބޭރު މީހުންގެ އަދަދު ކޮންޓްރޯލް ކުރަން ނިންމުމާ ގުޅިގެންނެވެ. ހާއްސަކޮށް ވިސާގެ މުއްދަތު ހަމަވާން ގާތްވެފައިވާ މީހުންނަށް ވިސާ އާކޮށްނުދޭން ނިންމުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ގައުމުގައި ކިޔަވަމުންދާ ދަރިވަރުންނާއި ވަގުތީ ގޮތުން މަސައްކަތްކުރާ އިންޑިއާ މީހުންނަށެވެ.
ކެނެޑާގެ ސަރުކާރުން ވަނީ ކުރިއަށް އޮތް ތަނުގައި ޕާމަނަންޓް ރެސިޑެންސީ ނުވަތަ ދާއިމީކޮށް ދިރިއުޅުމުގެ ހުއްދަ ދޫކުރާ މިންވަރު ދަށްކޮށް، ވަގުތީ ވިސާތައް އާކޮށްދިނުން ހަރުކަށި ކޮށްފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އިންޑިއާ މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން އެނބުރި ގައުމަށް ދާން މަޖުބޫރުވާނެއެވެ.
ކެނެޑާގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ދިރިއުޅުމުގެ އަގު ބޮޑުވުމުގެ މައްސަލަތައް އިތުރުވެފައިވާތީ، އެ ގައުމުގެ ސަރުކާރުން ދަނީ އިމިގްރޭޝަން ސިޔާސަތުތައް މުރާޖާ ކުރަމުންނެވެ. އިންޑިއާއަކީ ކެނެޑާއަށް އެންމެ ގިނައިން ދަރިވަރުންނާއި މަސައްކަތްތެރިން ފޮނުވާ ގައުމަށްވާއިރު، އާ ގަވާއިދުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
