އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ތިސްކާ ޗޯޕްރާ ބޮލީވުޑް އިންޑަސްޓްރީގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފިއެވެ.

އޭނާ ބުނި ގޮތުގައި "ބޮލީވުޑް މިހާރު އޮތީ ބިރުވެރިކަމެއްގެ ތެރޭގަ،" އެވެ. ފިލްމު އުފައްދާ ފަރާތްތަކުން އާ ކަންކަން ތަޖުރިބާ ކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތްތައް ހިޔާރުކުރަމުންދާ ކަމަށާއި މިއީ ފިލްމީ ދާއިރާގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ތިސްކާ ހާމަކުރި ގޮތުގައި މިހާރު ފެންނަނީ އެއް ވައްތަރެއްގެ ފިލްމުތަކެއް ތަކުރާރުކޮށް ހަދަމުންދާ މަންޒަރެވެ. އާ ވާހަކަތަކެއް ގެނައުމުގެ ބަދަލުގައި، ކުރިން ހަދާފައިވާ ފިލްމުތަކަށް ކުޑަ ބަދަލެއް ނުވަތަ "ޓްވިސްޓެއް" ގެނެސްގެން، އެއީ އާ އެއްޗެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. މީގެ ސަބަބުން ފިލްމީ ދާއިރާގައި އުފެއްދުންތެރިކަން ކުޑަވެ، ބެލުންތެރިންނަށް އާ ކަންތައްތަކެއް ފެނުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށް އޭނާ ދެކެއެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ލިޔުންތެރިންނާއި އުފެއްދުންތެރިންނަށް މިހާރަށްވުރެ ބޮޑަށް އިހުތިރާމްކޮށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. ބޮލީވުޑް ހިންގާ ފަރާތްތަކުން ގެއްލުންވެދާނެތީ ނުވަތަ ފިލްމު ނުހިނގާފާނެތީ ގަންނަ ބިރެއްގެ ސަބަބުން، މޮޅެތި ސްކްރިޕްޓްތަކަށް ފުރުސަތު ނުދޭކަމީ ހިތާމަހުރި ކަމެއް ކަމަށް ތިސްކާ ފާހަގަކުރިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އިންޑަސްޓްރީ ކުރިއަށް ދާނީ ބިރު ފަހަނަޅައި، އާ ވިސްނުންތަކަށް ޖާގަ ދީގެންނެވެ.