ބޮލީވުޑްގެ ރަސްގެފާނުންގެ ގޮތުގައި ބެލެވޭ ތިން ހާން ކަމަށްވާ ޝާހްރުކް ހާން، ސަލްމާން ހާން އަދި އާމިރު ހާންގެ ފިލްމުތައް އެއް އަހަރެއްގައި ރިލީޒް ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި 2026 ވަނަ އަހަރު ވެގެންދާނީ މި ތިން ތަރިންގެ ފިލްމުތައް އެކުގައި ފެނިގެންދާނެ އަހަރަކަށެވެ. މިއީ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ފަރާތްތަކުން ވަރަށް އުއްމީދާ އެކު އިންތިޒާރުކުރަމުން އަންނަ ކަމެކެވެ.

މިއީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި މި ތިން ތަރިންގެ ފިލްމު އެއް އަހަރެއްގައި ސިނަމާތަކަށް އަންނަ ފުރަތަމަ ފަހަރެވެ. ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިއީ ބޮލީވުޑް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ދިރުމެކެވެ. އަދި މިކަމުގެ ސަބަބުން ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމެއް އުފެދި، އާމްދަނީގެ ގޮތުން ރެކޯޑުތަކެއް މުގުރާލާނެ ކަމަށް ވެސް ބެލެވެއެވެ.

މި ތިން ތަރިންގެ ފިލްމުތައް އެއް އަހަރެއްގައި ރިލީޒްވުމަކީ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އާންމުކޮށް މި ތަރިން ފިލްމުތައް ރިލީޒްކުރަން ހިޔާރުކުރަނީ ބޮޑު އީދު ނުވަތަ ދިވާލީ ފަދަ ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. އެހެންކަމުން 2026 ވަނަ އަހަރު ބޮލީވުޑްގައި ފެނިގެންދާނީ ވަރަށް ފޯރިގަދަ އަހަރެއްގެ ގޮތުގައެވެ.