ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަކުލް ޕްރީތު ސިންގ، އެކްޓިންގެ ދާއިރާއިން އެންމެ އުނދަގޫ މަސައްކަތަކީ ކޮމެޑީ ނުވަތަ މީހުން ހެއްވުން ކަމަށް ބުނެފިއެވެ.

ރަކުލް މިހެން ބުނީ މުމްބާއީގައި ކުރިއަށްދިޔަ ބީއެޗް އޯޓީޓީ އިންޑިއާ ފެސްޓް 2025 ގައި ވާހަކަދައްކަމުންނެވެ.

މި ފެސްޓިވަލްގައި ވާހަކަދައްކަމުން ރަކުލް ބުނީ، ސްކްރީން ކުރިމަތީގައި ރޯން ފަސޭހަ ކަމަށާއި، ނަމަވެސް މީހުން ހެއްވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ކޮމެޑީ ރޯލުތައް ކުޅުމަށް ވަރަށް ފުރިހަމައަށް ވަގުތު ބޭނުންވާކަމަށާއި، އެއީ ކޮންމެ އެކްޓަރަކަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.

ރަކުލް ވަނީ މިހާތަނަށް ތަފާތު އެކި ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ސީރިއަސް ރޯލުތަކާއި ކޮމެޑީ ރޯލުތައް ވެސް ހިމެނެއެވެ. އޭނާ ބުނި ގޮތުގައި އެކްޓަރެއްގެ ގޮތުގައި ތަފާތު ތަޖުރިބާތައް ކުރުމަކީ އޭނާ އަބަދުވެސް ޝައުގުވެރިވާ ކަމެކެވެ.