މަޝްހޫރު ފިލްމީ ތަރި އަހްމަދު ނިމާލް ނިޔާވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ސްޓްރޯކެއް ޖެހިގެން ހާލު ސީރިއަސްވެ، ނިމާލަށް މި ވަގުތު އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ނަމަވެސް މިރޭގެ ވަގުތެއްގައި އޭނާ ނިޔާވެއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ޕޯސްޓުތައް ކުރަމުންނެވެ.
މިކަމާ ގުޅިގެން ނިމާލްގެ ދަރިފުޅު ޖުމައިލް ނިމާލް އާއި އާއިލާގެ އެހެން މެމްބަރުން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. މީގެ ދެ ދުވަސް ކުރިން ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނު ނިމާލްގެ އޮޕަރޭޝަނެއް ރޭގެ ވަގުތެއްގައި ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނިމާލް ނިޔާވި ކަމަށް އަޑު ފެތުރުނީ ޑައިރެކްޓަރަކު ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބެލެވޭއިރު، ހަގީގަތް ނުބަލައި މިފަދަ ވާހަކަތައް ނުފެތުރުމަށް އާއިލާއިން ވަނީ އެދިފައެވެ.
"މި ނާޒުކު ދަނޑިވަޅުގައި ދޮގު މައުލޫމާތު ފެތުރުމަކީ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް،" ކަމަށް އާއިލާއިން ފާހަގަކުރެއެވެ.
އާއިލާގެ އުންމީދަކީ އޮޕަރޭޝަނަށްފަހު ނިމާލްގެ ސިއްހީ ހާލަތު ރަނގަޅުވެގެން ދިއުމެވެ. އެހެންކަމުން ދޮގު ހަބަރު ފެތުރުމުގެ ބަދަލުގައި، އެންމެހާ ފަރާތްތަކުން ވެސް ނިމާލަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާއިން ވަނީ އިލްތިމާސްކޮށްފައެވެ.
