ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންގެ ކޮއްކޮ، އަލްވީރާ ގެ ދަރިފުޅު އަޔާން އަގްނިހޯތުރީ އެންގޭޖް ވެއްޖެއެވެ.
އޭނާ އެންގޭޖް ވެފައިވަނީ ޓީނާ ރިޖްވާނީ އާއެވެ. މި އުފާވެރި ހަބަރު އަޔާން ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގައި އަޔާން ފެންނަނީ ހުދު ކުލައިގެ ގަމީހެއްގައި ހުރެ، ޓީނާ އާއެކު ވަރަށް ލޯބިން ފޮޓޯ ނަގާފައިވާ މަންޒަރެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަޔާން އެންގޭޖްވެފައި މިވަނީ، އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ ދޫކޮށްލުމަށްފަހުގައެވެ.
އެންގޭޖްމެންޓް ރަސްމިއްޔާތުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަޔާން ވަނީ އޭނާގެ ހަޔާތުގެ އާ ބައިވެރިޔާ، "ޓީނާ އާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރާކަމަށް،" ބުނެފައެވެ.
މި ރަސްމިއްޔާތުގައި ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން ބައިވެރިވެފައިވެއެވެ.
އަޔާންގެ މި އުފާވެރި މުނާސަބަތާ ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުންނާއި އާއިލާގެ މެމްބަރުން އަންނަނީ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. އަޔާންގެ މަންމަ އަލްވީރާ އާއި ބައްޕަ އަތުލް އަގްނިހޯތުރީ ވެސް ތިބީ ދަރިފުޅުގެ މި ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ހަބަރުތައް ބުނެއެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ޖޯޑަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ.
