ސްރީލަންކާގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އިން ކުރިއަށް އޮތް ތިން މަހު ކަރަންޓުގެ އަގު ބޮޑުކުރުމަށް ނިންމައިފިއެވެ.

މި ބަދަލު ގެނައުމަށް ނިންމާފައިވަނީ 11.5 ޕަސަންޓުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަން ހާމަކޮށްފައިވަނީ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަން އޮފް ސްރީލަންކާ (ޕީޔޫސީއެސްއެލް) ގެ ކުރީގެ ޗެއާމަން ޖަނަކަ ރަތުނަޔަކަ އެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި ކަރަންޓުގެ އަގު ބޮޑުކުރުމަށް އެދި ސީއީބީން މިހާރު ވަނީ އެ ކޮމިޝަނަށް ހާއްސަ ހުށަހެޅުމެއް ވެސް ހުށަހަޅާފައެވެ.

މި ހުށަހެޅުމުގައިވާ ގޮތުން އަގަށް ގެންނަ މި ބަދަލަކީ ވަގުތީ ބަދަލެކެވެ. އެގޮތުން 11.5 ޕަސަންޓުގެ އިތުރުވުން އަންނާނީ ކުރިއަށް އޮތް ތިން މަހުގެ މުއްދަތަށެވެ. ލަންކާގެ ކަމާބެހޭ އިދާރާތަކުން މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމުން އާ އަގުތަކަށް އަމަލުކުރަން ފަށާނެއެވެ.