އިނގިރޭސި ޕްރިމިއާ ލީގުގެ ފޯރި ގަދަވެފައިވާއިރު، ކުޅުނު 20 މެޗުން 48 ޕޮއިންޓް ހޯދައިގެން އާސެނަލް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. އެ ޓީމުން ވަނީ މިރޭ ކުޅުނު މެޗުގައި ބޯންމަތު 3-2 އިން ބަލިކޮށްފައެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްއިން ވަނީ މުހިއްމު މެޗުތަކެއް ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިއީ ލީގު ކާމިޔާބުކުރުމަށް އެ ޓީމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ތާވަލުގެ ދެވަނައިގައި އޮތީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ކުރިއަށް ޖެހިލި އެސްޓަން ވިލާއެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 19 މެޗުން 41 ޕޮއިންޓް ހޯދައިގެން ތިންވަނައިގައެވެ. ސިޓީއަށް ކުރިއަށް އެއް މެޗު އޮތުމުން، އެ މެޗުން މޮޅުވެއްޖެ ނަމަ ދެވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ބޯންމަތުގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލްގެ ޑިފެންޑަރު، ގެބްރިއެލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އެވަނިލްސަން ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެކުރީން އާސެނަލަށް އެއްވަރުކޮށްދިނީ ގެބްރިއެލް އެވެ.

މެޗުގައި އާސެނަލުން ނަތީޖާ އަނބުރާލީ، އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ޑެކްލަން ރައިސް ވައްދާލި ދެ ލަނޑުންނެވެ. އޭގެފަހުން، މެޗު ނިމެންދަނިކޮށް ބޯންމަތުގެ ކްރޫޕީ ޖޫނިއާގެ ގޯލުން އެ ޓީމަށް އުއްމީދެއް ލިބުނުނަމަވެސް، ނަތީޖާ އެއްވަރުކުރެވޭ ގޮތެއްނުވިއެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގައިގައި ލިވަޕޫލް އޮތްއިރު، އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް އެދެވޭ ކުޅުމެއް ނުދެއްކި، މި ވަގުތު އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ އަދި ހަވަނައިގައެވެ. އާސެނަލްއިން އެއްވަނައިގައި އޮތް ނަމަވެސް، ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާތައް ނުކުންނަ ގޮތަކުން ލީގުގެ ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާނެއެވެ.