ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ ބަލިކޮށް، ބ. އޭދަފުށިން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

މި މެޗުން ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުށި ކުރިހޯދީ 3-1 އިންނެވެ.

މިއީ ގޯލްޑަން ފުޓްސަލްގެ ތާރީޚުގައި ކާށިދޫ އަތުން އޭދަފުށި ޖެހިޖެހިގެން ހޯދީ ތިންވަނަ މޮޅެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ޝީލްޑް މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 0-0 އިން އެއްވަރުވުމާއެކު، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީޝޫޓްއައުޓްގައި ކާށިދޫން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ، ކާށިދޫގެ އަޖުލާން އަބްދުލް ހަންނާންގެ ޕެނަލްޓީއެވެ. އެ ޓީމުގެ ޢަބްދުﷲ ސުޒެއިރު އާއި އިލްވާން މުހައްމަދު (އިއްލެ) އަދި އަހުމަދު މަޖީދު ފޮނުވާލި ޕެނަލްޓީތައް އޭދަފުށީގެ ބަދަލު ކީޕަރު، މުޙައްމަދު ޝާން ވަނީ މަތަކޮށްފައެވެ.

އޭދަފުށިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެއީ، އަހުމަދު ފާތިންގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ އިބްރާހިމް ޝަރީފް، އަލީ ނަސީމް (ދިއްލި) އަދި އުނައިޝް ޒުބެއިރު (އުނޭ) ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.