މި ފެށުނު 2026 ވަނަ އަހަރުގެ ފުރަތަމަ ދުވަހު މިފްކޯއަށް މަސް ކިރުވި ދޯނިފަހަރަށް އެ ކުންފުނިން ފައިސާ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖަނަވަރީ އެއްވަނަ ދުވަހު އެ ކުންފުނީގެ ސެންޓަރުތަކަށް މަސް ކިރުވީ 25 ދޯންޏަކުންނެވެ. މި ހުރިހާ ދޯންޏަކަށް ވެސް ފައިސާ ވަނީ ޖަމާކޮށްދީފައެވެ.
މިފްކޯއިން ބުނި ގޮތުގައި މި ދޯނިފަހަރަށް ފައިސާ ދޫކޮށްފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެގޮތުން 25 ދޯންޏަށް ޖުމްލަ 1،508،161 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މަސް ކިރުވިތާ 48 ގަޑިއިރު ހަމަވުމުގެ ކުރިން ދޫކުރެވުނު ފައިސާއެވެ.
މަސްވެރިން ބާނާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ގެންގުޅޭ ސިޔާސަތެކެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
