ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގުޅިގެން ދިރާސާކުރުމާއި ތަމްރީނު ދިނުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އިލްމީ ހޯދުންތަކުގެ އަލީގައި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ދެ އިދާރާ ގުޅިގެން ފަންނީ ކުރިއެރުންތައް ހޯދުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންއައިސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޝުއައިބު އަބްދުއްރަހުމާނެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ކަންކަން ނިންމުމާއި އަމަލީ މަސައްކަތްތަކުގައި އިލްމީ ދިރާސާތަކާއި ހެކި ބޭނުންކުރުން އިތުރުކޮށް، މުއައްސަސާތަކުގެ ފެންވަރު މަތިކުރުމެވެ. އަދި މި ދާއިރާއާ ގުޅުންހުރި މައުލޫމާތު މުއްސަނދިކޮށް، އެކަމުގެ ނަފާ މުޖުތަމައަށް ފޯރުކޮށްދިނުމެވެ.
މި ފަހުމުނާމާގެ ދަށުން ތަފާތު ރިސާޗް ޕްރޮގްރާމްތައް ހިންގުމާއި، ވަޒީފާގައި ތިބެގެން ތަމްރީނު ހޯދޭނެ ފުރުސަތުތައް (އޮން-ދަ-ޖޮބް ޓްރެއިނިން) ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސެމިނާތަކާއި ވޯކްޝޮޕްތައް ބާއްވައި، ދަރިވަރުންނަށާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަށް އިލްމީ ހައްލު ހޯދައި، ގައުމީ ތަރައްގީގައި ދިރާސާތަކުގެ ދައުރު ފުޅާވެގެންދާނެއެވެ.
