މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މުވައްޒަފުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށް އެ މިނިސްޓްރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ ފެށުނު އާ އަހަރުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށާއި، ކަރަޕްޝަނަށް މަގުފަހިވެދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ފައިނޭންސިން މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ މާލިއްޔަތު ގާނޫނާއި އުސޫލުތަކާ އެއްގޮތަށްކަން ފާހަގަކުރައްވައި، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން، މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިހާރު މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކާއި، މި ފެށުނު 2026 ވަނަ އަހަރަށް ރާވާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަންވާނީ ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
