އައިސް ޓީވީގެ "ސައި ވިތު ސާއީ" ޕްރޮގްރާމްގައި ބައިވެރިވި ޒުވާން ޓިކްޓޮކް ތަރި ޔާނިއާ ރަޝީދު ދެއްކި ވާހަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ބުލީކުރުމުގެ މައްސަލަ، މީޑިއާގެ ޒިންމާއާ ގުޅޭ ބޮޑު ބަހުސަކަށް ބަދަލުވެއްޖެއެވެ.

ޕްރޮގްރާމްގެ ކުޑަ ކްލިޕެއް އާންމުވުމާއެކު ޔާނިއާއަށް އަމާޒުވި މަލާމާތާއި ފުރައްސާރައިގެ ރާޅާއެކު، ރާއްޖޭގެ ތަޖުރިބާކާރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ވަނީ މިކަމުގައި ޗެނަލްގެ ދައުރާ މެދު ސީރިއަސް ސުވާލުތަކެއް އުފައްދަވައި، މީޑިއާ އެތިކްސް ނުވަތަ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ގޮވާލައްވާފައެވެ.

މި މައްސަލަ ހޫނުވީ، ރަށްފުށުގެ ދިރިއުޅުން ނުވަތަ "އައިލެންޑް ލައިފް" ކަމުނުދާ ކަމަށް ބުނެ، އިނގިރޭސި ބަހާއި ދިވެހި ބަސް އެއްކޮށްގެން ޔާނިއާ ވާހަކަދެއްކި ގޮތަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ. ނަމަވެސް، ޓެޑްރީ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލައިގެ އަސްލަކީ އެ ޒުވާނާ ދެއްކި ވާހަކައަށްވުރެ ބޮޑަށް، އެ ކޮންޓެންޓް އާންމުންނާ ހަމައަށް ގެނެސްދިން ގޮތެވެ. ޓެޑްރީ ސިފަކުރެއްވި ގޮތުގައި އައިސް ނެޓްވޯކުން އާންމުކުރީ އެއްވެސް އަގުހުރި މާނައެއް ނެތް، ހަމައެކަނި "ކްލިކްބެއިޓް" ވީޑިއޯއެކެވެ. މައިންސްޓްރީމް މީޑިއާއެއްގެ ހައިސިއްޔަތުން ޗެނަލްގެ ޒިންމާއަކަށް ވާންޖެހޭނީ، ރެކޯޑު ކުރަމުންދާ ވަގުތު މެހެމާނުގެ ފަރާތުން ފެންނަ އުނި ކަންކަން ރަނގަޅުކޮށް، ބެލުންތެރިންނަށް ފައިދާހުރި ކޮންޓެންޓެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އައިސް ނެޓްވޯކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓެޑްރީ ފާހަގަކުރެއްވި ގޮތުގައި، ޕްރޮގްރާމްތަކަށް ގެންނަ މެހެމާނުންނަކީ މީޑިއާއަށް އަހުލުވެރި ބަޔަކަށް ނުވެދާނެއެވެ. އެހެންކަމުން، އެފަދަ ފަރާތްތައް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަކީ އެޑިޓޯރިއަލް ޕޮލިސީގެ މުހިންމު ބައެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމެކެވެ. ނަމަވެސް މި ހާދިސާގައި، މުޅި ޕްރޮގްރާމްގެ ތެރެއިން ވެސް ޗެނަލުން ހިޔާރުކުރީ މެހެމާނު އެންމެ ބޮޑަށް ލަދުގަންނާނެ، އަދި އާންމުންގެ މެދުގައި އޭނާގެ އަގު ވެއްޓިގެންދާނެ ފަދަ ބައިތައް ހިމެނޭ ކްލިޕެއްކަން ޓެޑްރީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޕްރޮގްރާމްގެ ހޯސްޓުގެ އަމަލުތަކަށް ވެސް ޓެޑްރީ ވަނީ ފާޑުވިދާޅުވެފައެވެ. ޓެޑްރީ ތުހުމަތުކުރެއްވި ގޮތުގައި ހޯސްޓް އިނީ ވަރަށް މަކަރުވެރި ގޮތަކަށް ޔާނިއާއަށް މަލާމާތްކޮށް ހަޖޫޖަހާށެވެ. ޔާނިއާ އަކީ ތަފާތު ހުނަރުތަކެއް ލިބިފައިވާ ކުއްޖެއް ނަމަވެސް، ޗެނަލުން ދައްކުވައިދިނީ އޭނާގެ މައުސޫމުކަމާއި ތަޖުރިބާ މަދުކަން ކަމަށާއި، އެކަން ބޭނުންކޮށްގެން ޗެނަލަށް ވިއުސް ހޯދުމަށް މަސައްކަތް ކުރުމަކީ "ވިޔާނުދާ ދަށު ދަރަޖައިގެ" އަމަލެއް ކަމަށް ޓެޑްރީ ސިފަކުރެއްވިއެވެ. 

މިއީ މީހެއްގެ ޒާތީ ދިރިއުޅުމާއި އަބުރު ކަތިލުމަށްފަހު މަގުބޫލުކަން ހޯދުން ކަމަށާއި، މިކަމާމެދު ޗެނަލްގެ ވެރިންނާއި ޕްރޮޑިއުސަރުން ލަދުގަންނަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ވެސް ވަނީ ހޭލުންތެރިކަމުގެ ބަހުސެއް ފެށިފައެވެ. ވަކިން ހާއްސަކޮށް، ޒުވާން ޖީލު ނުވަތަ "ޖެން-ޒީ" ކުދިން ވާހަކަދައްކާ ބަހުރުވައާއި އެކްސެންޓަށް މަލާމާތްކުރުމަކީ ހުއްޓާލަންޖެހިފައިވާ ސަގާފަތެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީޑިއާތަކުން މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި، ޒުވާނުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ބުލީ ކުރުމާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިންމުކަން މި ހާދިސާއިން ވަނީ ހާމަވެގެން ގޮސްފައެވެ. އާންމުންގެ ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން ޔާނިއާ ބުނެފައިވަނީ އޭނާ އެގޮތަށް ވާހަކަދެއްކީ ވިއުސް ހޯދުމަށް ކަމަށް ވީނަމަވެސް، އެއީ އޭނާ "ކާލަން ދޫކޮށްލަންޖެހޭ" ސަބަބެއް ނޫންކަން ޓެޑްރީގެ ވާހަކަތަކުން ދޭހަވެއެވެ.