އެމެޒޯންގެ އިސްވެރިޔާ ޖެފް ބޭޒޯސް، އޭނާގެ ކޮއްކޮ މާކް ބޭޒޯސް، އާއެކު ޖައްވީ ދަތުރަކަށް ފުރަނީ އެވެ. މިއީ އޭނާގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންގެ އުޅަނދު، ނިއު ޝެޕާޑްގައި އިންސާނުން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ ދަތުރެވެ. މިދަތުރު އޮންނަނީ މިއަހަރު ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

ޖެފް ބޭޒޯސްއަކީ ދުނިޔޭގެ މުއްސަނދި މަހުޖަނުން ކުރެ މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގައި 186.2 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް ބުނެ އެވެ. ބޭޒޯސް އޭނާގެ ކޮއްކޮ ގޮވައިގެން ޖައްވަށް ކުރާ ދަތުރުގައި އެހެން މީހަކު ވެސް ބައިވެރި ކުރާނެ އެވެ. އެއީ ކާކުކަން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، ނިއު ޝެޕާޑުން ގޮނޑިއެއް ނީލަމުގައި 2.8 މިލިއަން ޑޮލަރަށް އެރިކަން އޮތީ އެނގިފަ އެވެ. އެ ގޮނޑި ވިއްކި އަސްލު އަގު އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ބްލޫ އޮރިޖިން އުފައްދާފައި ވަނީ 2000 ގައެވެ. އޭގެ މައިގަނޑު މަގުސަދަކީ ޖައްވީ ފަތުރުވެރިކަމެވެ. ބިމުން ފުރައިގެން 100 ކިލޯމީޓަރަށް އުދުހުމަށް ފަހު އުޅަނދު އެނބުރި ބިމަށް ތިރިކުރަން ހަމަޖައްސާފައި ވަނީ ވައިކުޑައިގަ އެވެ.

ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިންއަކީ ތިން މީހަކު ޖައްވަށް ގެންދިއުމަށް ވުރެ ފުޅާ ހިޔާލެކެވެ. މި ހިޔާލު އަސްލަށް ބަދަލު ވެގެން އަންނައިރު ޖައްވުގައި ކޮފީ ޝޮޕްތަކާއި އަރާމު ނިދާ ކޮޓަރިތައް ހުންނާނެ އެވެ. ބޯކޮށާ ތަންތަން ވެސް ހުންނާނެ އެވެ. ޓޫރިސްޓުން ޖައްވަށް ގޮސް އައިސްވުން އޭރުން ވާނީ މިހާރު އެއްގައުމުން އަނެއް ގައުމަށް ދިއުން ފަދަ ކަމަކަށެވެ.