ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެކުލަވާލާ ބީ ޓީމުގެ މަސައްކަތުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު އެ ޓީމުގެ ސީނިއާ ސްކޮޑުގައި ހިމަނައިފިއެވެ.
މިއީ އެ ކްލަބަށް ޒުވާން ކުޅުންތެރިން ހޯދައި، މުސްތަގުބަލަށް ޓީމު ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ފުރުސަތެއް ކަމަށް އެ ކްލަބުން މައުލޫމާތު ދެއެވެ.
ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވި ގޮތުގައި، ސީޒަން ފެށުނީއްސުރެ އެ ކްލަބުން އަންނަނީ ހުނަރުވެރި ޒުވާން ކުދިން ހޯދަމުންނެވެ.
އުމެއިރުގެ އިތުރުން ނިއުގެ ކުރީގެ މަޝްހޫރު ޑިފެންޑަރު މުހައްމަދު ނާސިރު އާއި މިޑްފީލްޑަރު އަހުމަދު ނާޒް (އާކޭ) ގެ ދަރިން ވެސް މި ޓީމަށް ވަނީ ނަގާފައެވެ. ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުމެއިރު ވަނީ ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި ކުޅުނު ފުޓްބޯޅަ މެޗުގައި ވެސް ކުޅެފައެވެ.
ވަކިން ޕްރެކްޓިސް ކުރާނެ ދަނޑެއް ނެތުމުގެ ސަބަބުން، ބީ ޓީމަށް ނެގި ކުޅުންތެރިން މިވަގުތު ތަމްރީނުތައް ހަދަމުންދާނީ ސީނިއާ ޓީމާ އެކުގައެވެ. މުބީން ފާހަގަކުރެއްވި ގޮތުގައި މި ކުޅުންތެރިން ސީނިއާ ސްކޮޑުގައި ހިމަނާފައިވާތީ، މެޗުތަކަށް ނެގުމުގެ އިހުތިޔާރު ކޯޗަށް އޮންނާނެއެވެ. އަދި ކުރިމަގުގައި މި ޓީމުގެ ކަންކަން ކުރިއަށް ގެންދާނީ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލްގެ ބެލުމުގެ ދަށުން ހާއްސަ ޕްރޮޖެކްޓެއްގެ ގޮތުގައެވެ.
