ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ޖުމްލަ އަގުގެ 20 ޕަސަންޓު އަމިއްލަ ޖީބުން ދެއްކުމުން، ދަތުރުގެ ބާކީ ބައި ޕެންޝަން ފަންޑުން ހަމަޖެއްސޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ. މި ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް މާދަމާ ބާއްވާ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މި އިސްލާހުގައިވާ ގޮތުން، ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާ ކުންފުންޏަށް، ހައްޖު ދަތުރުގެ އަގުގެ 20 ޕަސަންޓު އެ މީހަކު އަމިއްލައަށް ދައްކާފައިވާ ނަމަ ހައްޖު ޖާގަ ރިޒާވް ކުރެވޭނެ އެވެ. އަދި ދަތުރުގެ އަގުގެ ބާކީ 80 ޕަސަންޓު ފައިސާ އެ މީހެއްގެ ރިޓަޔަމަންޓް ސޭވިންސް އެކައުންޓުން ހަމަޖައްސާ ގޮތަށް މި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. މިގޮތަށް ހަމަޖެހުމުން އެ ކުންފުނީގެ ތަރުތީބުން ޖާގަ ކަށަވަރު ވެގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ހައްޖުގެ ކަންކަމުގެ އިތުރުން، ގެދޮރު އެޅުމާއި މަރާމާތު ކުރުމަށް ލޯނު ނެގުމަށް ޕެންޝަން ފަންޑު ރަހުނު ކުރެވޭނެ ގޮތް ހެދުން ވެސް މި އިސްލާހުގައި ހިމެނެ އެވެ. ހަމައެއާއެކު ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނަށް، އެކައުންޓުގައި ހުރި ފައިސާ ނެގޭނެ ގޮތް ވެސް ވަނީ ހިމަނައިފަ އެވެ. މިގޮތުން ބޭސްކުރުމަށްފަހު ވެސް 12 މަހަށް ވުރެ ގިނަ ދުވަހު ދިރިހުރުން ނާދިރު ކަމަށް ޑޮކްޓަރުން ކަނޑައަޅާ ހާލަތްތަކުގައި ފައިސާ ދޫކުރާނެ އެވެ.

މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަންގެ ފައިސާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ އިނާޔަތް ނުލިބޭ ގޮތަށް ހެދުމަށް ވެސް މި ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. މި އިސްލާހު ފާސްވެއްޖެނަމަ ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އަސާސީ ޕެންޝަން ހުއްޓިގެންދާނެ އެވެ.