ސްކޫލު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަން ފަށާފައިވާ މި ދަނޑިވަޅުގައި، ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބަލިޖެހިފައިވާ މީހުން ކުޑަކުދިންނާ ދުރުގައި ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އުމްރާއިން އެނބުރި އަންނަ މީހުންގެ ކިބައިން ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އުމްރާއިން އެނބުރި އަންނަ މީހުންގެ ގައިން ރޯގާގެ އަލާމާތެއް ފެންނަ ނަމަ، އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވާން ޖެހެއެވެ. ހާއްސަކޮށް، ރޯގާ ޖެހިފައިވާ ހާލަތުގައި ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ. މީގެއިތުރުން، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އުމްރާ ދަތުރަށް ފަހު ރާއްޖެ އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު އެއީ ދަތުރުވަރެއްގައި އުޅެފައި އައި މީހެއްކަން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ. ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ހުންގަދަވާ ނަމަ ޑޮކްޓަރެއްގެ ލަފަޔާ ނުލައި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.
މި ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރު ކަމަށްވުމުން ރާއްޖެއިން ގިނަ ބަޔަކު ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފައެވެ. އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ޗުއްޓީގައި އެކަނި ވެސް 7،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވެއެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށް އެންމެން ވެސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
