ޖުވާ ކުޅުމާއި އެފަދަ ކަންކަން ކުރުމަށް ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޕީއެންސީގެ މެންބަރު އަހްމަދު އަޒާން ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން މި ކުށުގެ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ހަތަރު މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދަމާ ދައުރުން ބޭރުން ބާއްވާ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ޖުވާ ކުޅުމަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ. އެގޮތުން މި ކުށް ސާބިތުވެއްޖެ ނަމަ، އަންނާނެ އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އަދި ކުށުގެ ކުޑަބޮޑު މިނަށް ބަލައި މި އަދަބު ހަތަރު އަހަރާ ހަމައަށް އިތުރު ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ޖުވާ ކުޅުން މާނަކޮށްފައި ވަނީ ވަކި ނަތީޖާއެއް ހޯދުމަށްޓަކައި، އިލެކްޓްރޯނިކްކޮށް ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ހިންގާ ސްކީމެއްގެ ތެރެއިން އެއްޗެއް ދޫކޮށްލުމަށެވެ. އެހެންނަމަވެސް، ކުޅިވަރު މުބާރާތްތަކުން ލިބޭ އިނާމުތަކާއި، ބައިވެރިވުމަށް ފައިސާ ނުވަތަ އަގެއް ދައްކަން ނުޖެހޭ ގުރުއަތުލުންތަކަކީ ޖުވާ ކުޅުން ކަމުގައި ނުބެލެވޭނެ ކަމަށް އިސްލާހުގައި ތަފްސީލުކޮށްފައިވެއެވެ.
