ރ. ކިނޮޅަހާ ދިމާލު ބޭރުން، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހަށިގަނޑު ފެނިފައި ވަނީ އޮޔާ ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހަވީރު 4:24 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުންގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގަށް އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
