އެމެރިކާއިން ހައްޔަރުކޮށްގެން ގެންދިޔަ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގުތުން ދޫކޮށްލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން އެމެރިކާއަށް ގޮވާލައިފިއެވެ.

ސިފައިން ބުނެފައި ވަނީ ގައުމުގެ ރައީސް ގެންދިޔުމަކީ އެމެރިކާއިން ގާނޫނާ ހިލާފަށް ހިންގި "ކިޑްނެޕް" ކުރުމުގެ އަމަލެއް ކަމަށެވެ.

ވެނެޒުއޭލާގެ ޑިފެންސް މިނިސްޓަރު ލަޑިމިއަރ ޕަޑްރިނޯ ލޮޕޭޒް، ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ރައީސް މަޑޫރޯ ހައްޔަރުކުރުމަކީ ވެނެޒުއޭލާގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ. އަދި ގައުމުގެ ރައީސް ވަގަށް ނެގުމަކީ އިންޓަނޭޝަނަލް ގާނޫނުތަކާ ހިލާފު ޖަރީމާއެއް ކަމަށް ވިދާޅުވެ، އަސްކަރިއްޔާއިން ތިބީ ރައީސް މަޑޫރޯގެ ދިފާއުގައި ސާބިތުވެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މަޑޫރޯގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ކުއްލި ގޮތަކަށެވެ. ވެނެޒުއޭލާގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޑޫރޯއަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާއިން ކަމަށާއި، ރައީސް ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ސިފައިން ތައްޔާރަށް ތިބިކަމަށް ބުންޏެވެ.