ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ފެނިގެންދިޔަ ތަފާތު ހެއާ ސްޓައިލްގެ ފަހަތުގައިވާ ސިއްރު ހާމަކޮށްފިއެވެ.
އޭނާ ބުނި ގޮތުގައި އެ ދުވަސްވަރު މުޅި ދުނިޔޭގެ ސަމާލުކަން ހޯދި އެ ހެއާ ސްޓައިލް ބެހެއްޓީ، މުބާރާތުގެ ކުރިން އޭނާގެ ފައިގެ އަނިޔާގެ ވާހަކަ ނޫސްވެރިންނާއި މީޑިއާތަކުން ދައްކާތީ އެކަން އޮއްބާލައި މީހުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައެވެ.
މި ހެއާ ސްޓައިލް މަޝްހޫރުވެގެން ދިޔަ މިންވަރު ހުދު ރޮނާލްޑޯއަށް ވެސް އަންދާޒާ ނުކުރެވޭ ކަމަށާއި، އޭރު ގިނަ އަދަދެއްގެ ކުޑަކުދިން އެގޮތަށް ބޯކޮށިކަން އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން އެ ދުވަސްވަރު އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނު މައިންގެ ކިބައިން ރޮނާލްޑޯ ވަނީ މާފަށް އެދިފައެވެ. އަދި އެއީ "ވަރަށް ހަޑި ހެއާ ސްޓައިލެއް،" ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.
ރޮނާލްޑޯ ބުނި ގޮތުގައި އެގޮތަށް ބޯކޮށުމުން އޭނާ ބޭނުންވި މަގުސަދު ހާސިލުވިއެވެ. އެގޮތުން މީހުންގެ ސަމާލުކަން އޭނާއަށް ލިބިފައިވާ އަނިޔާއިން ދުރުވެ އެ ވާހަކަ ދެއްކުން ހުއްޓުނު ކަމަށާއި، މި ބަދަލާއެކު އޭނާ ކުޅުމަށް ސަމާލުކަން ދީ، މޮޅު ކުޅުމެއް ދެއްކުނުކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ބްރެޒިލްއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.
