އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގެ ފިރިހެނުން މަދުވެގެން، ކޮންމެ ފިރިހެނަކު ދެ ކައިވެނި ކުރަން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

މި ވާހަކަތައް އިންޓަނެޓުގައި ދޭތެރެ ދޭތެރެއިން ދައުރުވާން ފަށަނީ އެ ގައުމުގައި ކުރި ހަނގުރާމައިގެ ސަބަބުން ފިރިހެނުންގެ އާބާދީ ދަށްވެފައިވާ ކަމަށް ބުނެ މީގެ އަހަރުތަކެއް ކުރިން ފެށިގެންނެވެ.

މި ދޮގު ހަބަރުގައި ބުނާ ގޮތުން "ކޮންމެ ފިރިހެނަކު ވެސް މަދުވެގެން ދެ އަންހެނުންނާ ކައިވެނި ކުރަން ސަރުކާރުން ވަނީ އަމުރުކޮށްފަ،" އެވެ. އަދި އެކަން ނުކޮށްފި ނަމަ އުމުރަށް ޖަލަށް ލާނެ ކަމަށާއި، ފިރިމީހާ ދެވަނަ ކައިވެނި ކުރުމަށް ހުރަސް އަޅާ ފުރަތަމަ އަނބިމީހާ ވެސް ޖަލަށް ލާނެ ކަމަށް އެ ލިޔުންތަކުގައި ބުނެފައިވެއެވެ.

ނަމަވެސް، މިއީ އެރިޓްރިއާގެ ސަރުކާރުގެ ރަސްމީ ލިޔުމެއް ނޫން ކަމަށާއި އެއީ ފޭކް ލިޔުމެއްކަން އިންޓަނޭޝަނަލް ފެކްޓް ޗެކްކުރާ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެރިޓްރިއާގެ އިންފޮމޭޝަން މިނިސްޓަރު މީގެ ކުރިން ބުނެފައި ވަނީ "މިއީ ހަގީގަތާ ހިލާފު، މޮޔަ ވާހަކަތަކެއް،" ކަމަށެވެ.

އެ ގައުމުގެ ގާނޫނު އޮންނަ ގޮތުން، އެއްފަހަރާ އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނި ކުރުމަކީ މަނާ ކަމެކެވެ. މިފަދަ ހަބަރުތަކަކީ އެހެން ގައުމުތަކުގެ ބައެއް ވެބްސައިޓްތަކުން މަޖަލަކަށް ހަދައިގެން ފަތުރާ ހަބަރުތަކެއް ކަމަށާއި، މިފަދަ އެއްވެސް އަމުރެއް އެ ގައުމުގެ ސަރުކާރުން ނެރެފައި ނުވާނެ ކަމަށް އެރިޓްރިއާގެ އޮފީހުން ބުންޏެވެ.