ވިޔަފާރިވެރިން ގެންނަ މުދަލުގެ އިންވޮއިސްގައި ޖަހާފައި ހުންނަ އަގު، ކަސްޓަމްސް އިން ބޮޑުކުރާ މައްސަލަ ހައްލުކޮށް، މުދަލުގެ އަގު ކަނޑައެޅުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި އެކަން ތަންފީޒުކުރަން ފަށައިފިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނައި މި ބަދަލާއެކު، ސައްހަކަން ކަށަވަރުކޮށްދެވޭ ލިޔެކިޔުން ހުށަހެޅުމުން، މުދާ ގަތުމަށް ހިނގި މުއާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" ބަލައިގަންނަ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ކަސްޓަމްސް އިން ބުނީ "މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގެ މިންގަނޑުތަކާއި ކަސްޓަމްސްގެ ގާނޫނާ އެއްގޮތަށް،" ކަމަށެވެ.
ސައްހަކަން ކަށަވަރު ކުރެވޭ ލިޔެކިޔުން ނެތް ހާލަތެއްގައި ކަސްޓަމްސް އިން ކަނޑައަޅާ އަގު، ހުށަހަޅާފައިވާ އަގަށްވުރެ 25 ޕަސަންޓު ބޮޑުވާނަމަ، އެ މުދަލަކާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލާނެއެވެ. ނަމަވެސް ވެރިފައި ކުރެވޭ ލިޔެކިޔުން ހުށަހެޅުމުން އެ އިންވޮއިސްއެއް ގަބޫލުކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމްސް އިން ދެއެވެ.
އަގު ކަނޑައެޅުމުގެ މި އާ ނިޒާމަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 ޕަސަންޓަށްވުރެ ކުޑަނަމަ، މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ތިން މަރުހަލާއެއްގައި އެ އަގު ރިވިއުކޮށްދިނުމަށް އެދުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލިބޭނެއެވެ. މި އިސްލާހުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
