ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 9،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. 

މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު މީހުންނާއި އެކި ވައްތަރުގެ ޖިނާއީ ކުށްތަކުގައި ބައިވެރިވެފައިވާ މީހުން ހިމެނެއެވެ. ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތައް ދެނެގަނެ، އެކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި އޮޕަރޭޝަންތައް ފުޅާކޮށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އާދިއްތަ ދުވަހު ވަނީ މާލޭގައި ހިންގަމުންދާ ހަތް ތަނެއް ބަލައި ފާސްކޮށްފައެވެ. މި ހަރަކާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމާއި މަސައްކަތް ކުރުމުގައި އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ހިންގާ މި މަސައްކަތުގައި މިހާތަނަށް ވަނީ 190،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައެވެ.

މީގެ އިތުރުން، ސައްހަ ލިޔެކިޔުން ނެތް ނުވަތަ ކޯޓާ ދޫކުރި ފަރާތް ނޫން އެހެން ބައެއްގެ ކައިރީގައި މަސައްކަތްކުރާ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ސަރުކާރުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މި މުއްދަތު ދީފައިވާއިރު، އޭގެ ފަހުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.