އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ "ސިސްޓާ ވައިވްސް" ގެ ތަރި ކޯޑީ ބްރައުން އާއި އޭނާގެ ވަރިނުކޮށް ހުރި ހަމައެކަނި އަނބިމީހާ، ރޮބިން ބްރައުންގެ ކައިވެނި ސަލާމަތްކުރުމަށްޓަކައި، ދެ މީހުން އެކުގައި ވަރަށް ވަރުގަދަ "ހަނގުރާމައެއް" ކުރަމުންދާ ކަމަށް އެ މީހުން ބުނެފިއެވެ.

ކޯޑީގެ ގިނަ ކައިވެނިތައް ރޫޅިގެން ދިއުމާ ގުޅިގެން، މިހާރު އެ އާއިލާގެ ތެރޭގައި އޮތް ގުޅުންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ކުރިން ހަތަރު އަނބިންނާ އެކު އުޅުނު ކޯޑީގެ ހަޔާތުން، މެރީ، ޖެނެލް އަދި ކްރިސްޓީން ވަކިވުމާ ގުޅިގެން ކޯޑީއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވަކިވުންތަކުގެ ސަބަބުން ކޯޑީއަށް ލިބިފައިވާ މާޔޫސްކަމާއި ރުޅިވެރިކަމުގެ އަސަރު، ރޮބިންއާ އެކު އޮތް ގުޅުމަށް ފޯރައި، އެ ކައިވެނި ދެމެހެއްޓުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ އެ މީހުންގެ ގުޅުމުގައި އެންމެ ދަތި ދުވަސްތައް ކަމަށް ދެމަފިރިން ވެސް އެއްބަސްވެއެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޑީ ބުނެފައިވަނީ، އޭނާގެ ކުރީގެ އަނބިން ވަކިވެގެން ދިއުމުން އުފެދުނު އިހުސާސްތަކުގެ ސަބަބުން، ރޮބިންއާ އޮތް ގުޅުން "ސެބަޓޭޖް" ނުވަތަ ހަލާކުކޮށްލަން އުޅެވޭ ކަމުގެ ބިރު އެބައޮތް ކަމަށެވެ. "އޭނާ ބުނި ގޮތުގައި މި ދަތި ދަނޑިވަޅުގައި ކައިވެނި ސަލާމަތްކުރުމަށް ދެ މީހުން ވެސް ގެންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް،" ކުރަމުންނެވެ. އަދި "އަމިއްލަ ނަފްސުގެ ކުށްތައް ރަނގަޅުކޮށް، ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރާ ކަމަށް،" އޭނާ ބުންޏެވެ.

ރޮބިން ބުނެފައިވާ ގޮތުގައި އޭނާ ކޯޑީއާ ކައިވެނިކުރީ އެކަނި ދެމަފިރިންގެ ގޮތުގައި އުޅޭކަށް ނޫނެވެ. އޭނާ ބޭނުންވީ ގިނަ އަނބިން ތިބޭ ބޮޑު އާއިލާއެއްގައި ދިރިއުޅޭށެވެ. ނަމަވެސް މިހާރު ކަންތައް ވެފައިވާ ގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައެވެ. ރޮބިން ފާހަގަކުރި ގޮތުގައި ކޯޑީގެ މިހާރުގެ ވިސްނުން ހުރި ގޮތުން، ބައެއް ފަހަރު ކައިވެނި ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެއެވެ. އެހެންނަމަވެސް، އެ ދެމީހުން އަދިވެސް ތިބީ އެކުގައި ކަމަށާއި، ކައިވެނި ސަލާމަތްކުރުމަށް ހަނގުރާމަ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ދެތަރިންގެ ދިރިއުޅުމުގެ ވާހަކަތައް "ސިސްޓާ ވައިވްސް" ގެ އާ ސީޒަންގައި ފެންނަމުންދާއިރު، ގިނަ ބަޔަކު ދަނީ ކޯޑީގެ އަމަލުތަކަށް ފާޑުކިޔަމުންނެވެ. އެހެން ނަމަވެސް، ރޮބިން އާއި ކޯޑީ ބުނަމުންދަނީ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެކަކު އަނެކަކަށް ވާގިވެރިވެ، ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.