އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ޓުޑޭ" ގެ އެންކަރު ސަވަނާ ގަތްރީ، އަޑުފޮށީގެ އޮޕަރޭޝަނަކަށްފަހު ވާހަކަދެއްކުމަށް ވައިޓްބޯޑެއް ބޭނުންކުރަން ފަށައިފިއެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ އޭނާގެ އަޑުފޮށީގައި އުފެދިފައިވާ އިތުރު މަސްކޮޅެއް ނެގުމަށެވެ.
ސަވަނާގެ ހާލަތު ރަނގަޅު ނަމަވެސް، ޑޮކްޓަރުން ވަނީ އަޑުފޮށި ފަސޭހަވަންދެން ވާހަކަ ދެއްކުން މަނާކޮށްފައެވެ. އެހެންކަމުން އާއިލާއާއި އެކުވެރިންނާ މުއާމަލާތް ކުރުމަށް އޭނާ ބޭނުންކުރަނީ ކުޑަ ވައިޓްބޯޑެކެވެ.
އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ފެންނަ ގޮތުން، ގޭގައި އަރާމުކުރަން އޮވެ، ވައިޓްބޯޑުގައި "އޯލް ގުޑް" ނުވަތަ ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ލިޔެ ފޭނުންނަށް މެސެޖެއް ދީފައިވެއެވެ.
މި ވައިޓްބޯޑަކީ އޭނާއަށް ވާހަކަ ނުދެއްކޭނެކަން އެނގިގެން، ޓީވީ ޝޯގައި އޭނާއާއެކު މަސައްކަތްކުރާ ބައިވެރިން ދީފައިވާ ހަދިޔާއެކެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ކުރިއަށް އޮތް މަދު ހަފްތާތަކެއް ވަންދެން ސަވަނާ ވަޒީފާއަށް ނުނިކުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
