ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔަން، "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގައި ބައިވެރިވެ އޭނާގެ ކޮއްކޮގެ ކައިވެނީގައި ނެށީ ހިލޭ ކަމަށް ބުނެ ސަމާސާ ކޮށްފިއެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ޝޯގައި ވާހަކަ ދައްކަމުން ކާތިކް ވަނީ ކޮއްކޮގެ ކައިވެނީގެ ހަފުލާގައި ހިނގާދިޔަ މަޖާ ކަންތައްތައް ހިއްސާކޮށްފައެވެ.
ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ، އާންމުކޮށް ކާތިކް ކައިވެނި ޕާޓީތަކުގައި ނަށައިދީގެން ބޮޑެތި އަދަދުން ފައިސާ ނަގާކަން ފާހަގަކޮށް، ކޮއްކޮގެ ކައިވެނީގައި ކަންތައް ކުރީ ކިހިނެއްތޯ ސުވާލު ކުރުމުން ކާތިކް ޖަވާބު ދިނީ ވަރަށް މަޖާކޮށެވެ. އޭނާ ބުނީ ކޮއްކޮގެ ކައިވެނި ޕާޓީގައި ނެށުމަށް "އެންމެ ރުފިޔާއެއް ވެސް" ނުނަގާ ކަމަށާއި އެކަން ކޮށްދިނީ މުޅިން ހިލޭ ކަމަށް ބުންޏެވެ.
ކާތިކް އާއި އޭނާގެ ކޮއްކޮ ކްރިތިކާ އަކީ ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަގުބޫލު ދެބެންނެވެ. ބޮލީވުޑް ގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ކާތިކް މިހެން ބުނުމުން ޝޯގެ ބައިވެރިންނާއި ބެލުންތެރިންގެ މެދުގައި ވަނީ ހީނލުމެއް އުފެދިގެން ގޮސްފައެވެ.
