ޔޫރަޕިއަން ކޮމިޝަނުން، އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "އެކްސް" ގެ އޭއައި ޓޫލް ކަމަށްވާ "ގްރޯކް" ބޭނުންކޮށްގެން ހަދާ ބޭއަދަބީ ފޮޓޯތަކަކީ ގާނޫނާ ހިލާފު އެއްޗެހި ކަމަށް ބުނެފިއެވެ.
މި މައްސަލައިގައި އިނގިރޭސިވިލާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ތަފްސީލު ދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރި ނެތްގޮތް ސާފުކޮށްދިނުމަށް އެކްސް ކުންފުނީގައި އެދިފަ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން ހަދާ މިފަދަ ފޮޓޯތައް ފެތުރުން ހުއްޓުވުމަށް އެކްސް އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކޮށްފައިވާނެ ކަމަށެވެ. ގްރޯކް ބޭނުންކޮށްގެން މަޝްހޫރު މީހުންނާއި ސިޔާސީ ލީޑަރުންގެ ފޭކް ފޮޓޯތައް ހަދައި ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މައްސަލަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ޔޫރަޕިއަން ކޮމިޝަނުން ފާހަގަކުރި ގޮތުގައި އާންމުންނަށް އޮޅުންއަރާ ގޮތަށް އަދި މީހުންގެ އަބުރަށް ގެއްލުންވާ ގޮތަށް، ހަގީގަތާ ހިލާފު އޭއައި ފޮޓޯ އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޓެކްނޮލޮޖީގެ ގާނޫނުތަކާ ހިލާފަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ އެކްސް ކުންފުންޏަށް ބާރުއަޅަމުންނެވެ.
