ޓެކްނޮލޮޖީގެ ދާއިރާއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު 2050 ވަނަ އަހަރު އަންނައިރު، ތައުލީމީ ނިޒާމު މުޅިން ބަދަލުވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.
މިގޮތުން ކުރިއަށް އޮތް ތަނުގައި ކްލާސްރޫމްތަކުގައި ކިޔަވައިދިނުމުގެ އެންމެ މައިގަނޑު ދައުރެއް އަދާކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ ޓީޗަރުން ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މި ނިޒާމުގެ ތެރެއިން ކޮންމެ ކުއްޖެއްގެ ވެސް ވިސްނުމާއި ގާބިލިއްޔަތު ހުންނަ މިންވަރަށް ބަލައި، އެ ކުއްޖަކަށް ހާއްސަކޮށްގެން ފިލާވަޅުތައް ނަގައިދިނުމުގެ ފުރުސަތު އޭއައި ޓީޗަރުންނަށް ލިބިގެންދާނެއެވެ. މިއީ މިހާރު ކުލާސްރޫމްތަކުގައި ހުރިހާ ކުދިންނަށް އެއް ގޮތަކަށް ކިޔަވައިދޭ ދިނުން ބަދަލުކޮށްލާނެ ކަމެކެވެ.
މި ބަދަލުތަކާ ގުޅިގެން "ސައިބަނެޓިކްސް" ގެ ދައުރު ވެސް ފުޅާވެގެންދާނެއެވެ. އެގޮތުން އިންސާނާގެ ސިކުނޑި އާއި ކޮމްޕިއުޓަރު ގުޅުވާލައިގެން މައުލޫމާތު ރައްކާކުރުމާއި ދަސްކުރުމުގެ ބާރު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެއެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިންސާނުންގެ ހަށިގަނޑާއި މެޝިންތައް ގުޅި، ސިއްހީ ގޮތުން ދިމާވާ ބަލިތައް ދެނެގަތުމަށާއި ފަރުވާ ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި އަމިއްލަ މީހާގެ ސިފަތައް ހިމެނޭ "ޑިޖިޓަލް ޓުވިން" އެއް އުފައްދައި، ހަށިގަނޑަށް ބޭނުންވާ ކަންކަން ދުރާލާ ބެލުމުގެ ފުރުސަތު ވެސް 2050 ގެ އަހަރުތަކުގައި ފަހިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
މުސްތަގުބަލުގައި މެޝިންތަކާއި އޭއައިގެ ނުފޫޒު ގަދަވީ ނަމަވެސް، އިންސާނީ ގުޅުންތަކުގެ މުހިންމުކަން ކުޑަވެގެން ނުދާނެކަމަށް ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އޭއައި ޓީޗަރުން ކިޔަވައިދިން ނަމަވެސް، އިންސާނީ ޓީޗަރުންގެ ދައުރު ބަދަލުވެގެންދާނީ ކުދިންނަށް މަގުދައްކައިދީ، އަހުލާގީ ކަންކަން ދަސްކޮށްދޭ މެންޓަރުންނަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޖީލުތަކަކީ އިންސާނުންނާއި ޓެކްނޮލޮޖީ އެކުވެގެން އާ އުސްމިންތަކަކަށް ވާސިލުވާނެ ޖީލުތަކަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
