ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަރިއަތޮޅު އުތުރުބުރި (އއ) ތޮއްޑޫއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މިއީ އެ ރަށުގެ ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ތޮއްޑޫއަށް ސީޕްލޭން ޖައްސަން ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މި ދަތުރުތައް ބާއްވަން ތާވަލުކޮށްފައި ވަނީ ހަފުތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެކެވެ.
މި ހިދުމަތުގެ ސަބަބުން، ތޮއްޑޫއަށް ދާން ބޭނުންވާ ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އަވަހަށް މަންޒިލަށް ވާސިލްވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އެ ސަރަހައްދަށް އޮތް ޑިމާންޑު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ސީޕްލޭން ދަތުރެއްގެ އަގުގެ ގޮތުގައި އެއާލައިނުން ކަނޑައަޅާފައި ވަނީ ކޮޅަކަށް 799 ރުފިޔާއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް އެހީވުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ ސީޕްލޭން އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބ. ކަމަދުއަށް ދަތުރުތައް ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އއ. އުކުޅަހާއި ނ. ވެލިދުއަށް ވެސް ދަތުރުތައް ފެށުމަށް ވަނީ ޕްލޭން ކޮށްފައެވެ.
