ހުޅުމާލެ ފޭސް 2 ގައި އާބާދުވެފައިވާ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުވާ ޝަހީދު އަލީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންގެ އަދަދު، އެ ސްކޫލުގެ ޖާގައަށް ވުރެ އިތުރުވެއްޖެ ނަމަ، ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރާ އެކު މި ސްކޫލުގައި ކިޔަވައިދޭން ފަށާއިރު، ފުރަތަމަ ރާވާފައި އޮތީ އެއް ދަންފަޅިއަށް ސްކޫލް ހިންގުމަށެވެ. އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ މިހާތަނަށް ވެސް 1،500 ދަރިވަރުންނަށް އެ ސްކޫލުން ޖާގަ ދީފައިވާ ކަމަށާއި، ކިޔެވުން ފެށޭއިރު އެ އަދަދު 1،800 އަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ޖާގަ ބޭނުންވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ސްކޫލުގެ ގޮތުގައި ފާހަގަކުރެވޭ ޝަހީދު އަލީ ސްކޫލަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމް މި ސްކޫލުގައި ހުންނައިރު، ހުރިހާ ކްލާސްރޫމެއް ވެސް ހުންނާނީ އޭސީ ކޮށްފަ އެވެ. އަދި ދަރިވަރުންނާއި މުވައްޒަފުންގެ ފަސޭހައަކަށް 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށްފައި ވާއިރު، މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ހަމަޖެހިފައި ވަނީ ސޯލާ ހަކަތަ ބޭނުންކޮށްގެންނެވެ.

މި ސްކޫލް ހުޅުވުމާ އެކު ފޭސް 2 ގައި ދިރިއުޅޭ ދަރިވަރުންނާއި ބެލެނިވެރިންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިތުރުން އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ބޮޑު އޮޑިޓޯރިއަމަކާއި، ހޯލެއްގެ އިތުރުން ލައިބްރަރީ އާއި ސްޓާފް ކެންޓީނެއް ވެސް މި ސްކޫލުގައި ގާއިމްކޮށްފައިވެ އެވެ.