ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހައިން ކުރިމަތިލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް ހާއްސަކޮށްގެން އިލެކްޝަންސް ކޮމިޝަނުން "މައި ޕޯޓަލް" އާންމުކޮށް ހުޅުވާލައިފިއެވެ.
މިއީ ކެންޑިޑޭޓުންނަށް އިންތިހާބާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކޮމިޝަނުން އެޅި ފިޔަވަޅެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން މި ޕޯޓަލް މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކަށް ވެސް އެ މީހެއްގެ އަމިއްލަ "އީފާސް" ބޭނުންކޮށްގެން ޕޯޓަލްއަށް ލޮގިން ވެވޭނެއެވެ. ކެންޑިޑެންސީއާ ގުޅޭ މައުލޫމާތާއި، ބޭނުންވާ ލިޔެކިޔުންތައް މި ނިޒާމުގެ ތެރެއިން ދުރާލާ އަޕްލޯޑު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާއިރު، އިންތިހާބާ ގުޅޭ އިދާރީ ފައިސާ ދެއްކުމުގެ ކަންކަން ވެސް ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
އެ ކޮމިޝަނުން ވަނީ ލިޔެކިޔުންތައް ހުށަހަޅާއިރު ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުތަކަކީ 2025 ޑިސެމްބަރު އެކެއްގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތަކަކަށް ވާންޖެހޭނެއެވެ. އަދި މިއީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ސާފުކޮށްފައިވާ ސައްހަ ލިޔުންތަކަށް ވާންޖެހޭނެ ކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރާ މިނިވަން ކެންޑިޑޭޓުން ތާއީދު ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވެސް މި ޕޯޓަލް މެދުވެރިކޮށެވެ. އިންތިހާބާ ބެހޭ ގަވާއިދު ބުނާ ގޮތުން އެ ދާއިރާއަކުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއީދު ހޯދަން ޖެހޭނީ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޕޯޓަލް މިހާރު ހުޅުވާލި ނަމަވެސް، ރަސްމީކޮށް އިންތިހާބަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލިކަން ކޮމިޝަނުން އިއުލާނު ކުރުމުންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 1414 ނަންބަރަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
