ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ މަޝްހޫރު ފިލްމީ ތަރި އަހުމަދު ނިމާލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް ފަށައިފިކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިންނެވެ.
އެމްއެސްޕީއޭ އިން ބުނީ ޑޮކްޓަރުންގެ ލަފާގެ މަތިން ނިމާލް ރާއްޖެއިން ބޭރަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ނިމާލަށް ސްޓްރޯކެއް ޖެހިފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މިހާރު ނިމާލަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. އާއިލާއާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލްގެ ހާލު މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންނެވެ. ނިމާލްއަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު އަދި ހުނަރުވެރި ފަންނާނެކެވެ.
ނިމާލް އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް އޭނާ މަރުވިކަމަށް ވެސް ހަބަރު ފެތުރުނެވެ. ނަމަވެސް އެނާގެ އާއިލާއިން ވަނީ ވަގުތުން އެކަން ދޮގުކށްފައެވެ.
