ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ، އެމެރިކާގައި ހައި ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ނަސްލީ ތަފާތުކުރުންތަކާއި ގަނާކުރުމުގެ ޝިކާރައަކަށް ވި ކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ކަމަށް ބުނެފިއެވެ.

ޒުވާން އުމުރުގައި އެމެރިކާގައި އުޅުނުއިރު އެހެން ކުދިންގެ ފަރާތުން ލިބުނު މަލާމާތުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުނު ގޮތުގެ ވާހަކަ ޕްރިޔަންކާ ވަނީ މީޑިއާއަށް ހިއްސާކޮށްފައެވެ.

 

ޕްރިޔަންކާ ބުނި ގޮތުގައި ސްކޫލް ތެރޭގައި ކުދިން އޭނާއާ ދިމާލަށް "ބްރައުނީ" އަދި "ކަރީ" ފަދަ ނަންނަމުން ގޮވައި މަލާމާތް ކުރިއެވެ.

އޭނާ އައި ތަނަކަށް އަނބުރާ ދިޔުމަށް ބުނެ ވަރަށް ބޮޑަށް ފުރައްސާރަ ކުރި ކަމަށް އޭނާ ބުންޏެވެ. މިކަމުގެ ސަބަބުން އޭނާއަކީ އެހެން މީހުނަށްވުރެ ދަށް މީހެއް ކަމުގެ އިހުސާސް ކުރެވި، ގިނަ ވަގުތު އެކަނި އުޅުމަށާއި މީހުންނަށް ނުފެނި އުޅުމަށް މަސައްކަތް ކުރި ކަމަށް ޕްރިޔަންކާ ކިޔައިދިނެވެ.

މި ހިތި ތަޖުރިބާތަކަށްފަހު، އެމެރިކާގައި ކިޔެވުން ކުރިއަށް ގެންދަން ބޭނުން ނުވުމުން ޕްރިޔަންކާ ނިންމީ އެނބުރި އިންޑިއާއަށް ދިއުމަށެވެ. އިންޑިއާއަށް ދިޔުމަށްފަހު ވެސް ކުރިން ހުރި އިތުބާރު ހޯދަން ދުވަސްތަކެއް ނެގި ކަމަށާއި، ނަމަވެސް މިހާރު އޭނާއަކީ ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބު ފަންނާނެއްކަމަށް އޭނާ ބުންޏެވެ.