މެލޭޝިއާގައި ކޮވިޑް ފެތުރުން މަދުކުރުމުގެ ގޮތުން އެ ގައުމުގެ ފުލުހުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފަން ފަށައިފިއެވެ. އެގޮތުން ފުލުހުން ވަނީ ޑްރޯން ބޭނުންކޮށްގެން އާންމުން އެއްވެ އުޅޭ ތަންތަނުގައި ތިބޭ މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަން ފަށައިފައެވެ.

ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށް މެލޭޝިއާ ފުލުހުން ބޭނުންކުރަމުންދާ ޑްރޯންތަކަކީ ބިމުން 20 މީޓަރު މަތިން ދަތުރުކުރަމުން ވެސް ހަށިގަނޑުގެ ފިނިހޫނުމިން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެކެވެ.

ޑްރޯން ދަތުރުކުރަމުން ގޮސް ފިނިހޫނުމިން ވަކި ވަރަކަށް ވުރެ މަތިވެފައިވާ މީހެއް ފާހަގަވުމުން ރަތް ކުލައިގެ ބޮކި ދިއްލި، އެލާމެއް އަޅައެވެ. މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވަނީ އެގައުމުގައި ކޮވިޑް ފެތުރެމުންދާތީ، އެއްތާވި މީހުން ދެނެގަތުމަށް ފަސޭހައަކަށެވެ.

ޑްރޯން ބޭނުންކުރަމުގެ ސަބަބުން އެ ގައުމުގެ ބޮޑު ސަރަހައްދެއް ފުލުހުންނަށް ބެލެހެއްޓޭނެއެވެ.

މެލޭޝިއާގައި ކޮވިޑު ޖެހޭމީހުން އިތުރުވަމުންދާތީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އެގައުމުން މިހާތަނަށް 617،000 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،378 އަށް އަރައިފައެވެ.