އެމެރިކާގެ ނިއު ޔޯކް ސިޓީގައި ކުރިއަށްދިޔަ މަޝްހޫރު ނިއު ޔޯކް ފެޝަން ވީކްގެ ޝޯއެއްގައި، ކުނި އަޅާ ކޮތަޅެއް ލައިގެން ސްޓޭޖަށް އެރި މީހަކު ބެލުންތެރިން ހައިރާން ކޮށްލައިފިއެވެ.
ކްރިއޭޓާ އިންކް ގެ ޝޯ ހިނގަމުން ދަނިކޮށް، ގަޔަށް ހިފާފައި ހުރި ސޯޓަކާއި ބޮލުގައި ޝަވަރ ކެޕެއް އަޅައިގެން ހުރި މި މީހާ ރަންވޭ މައްޗަށް އެރީ، ދެފަރާތުން ލާފައި ހުރި "ޓްރާންސްޕޭރަންޓް" ނުވަތަ އެތެރެ ފެންނަ ޒާތުގެ ޕްލާސްޓިކް ކޮތަޅެއް ވެސް ގައިގައި އޮޅައިގެންނެވެ.
މި މީހާ ރަންވޭ މަތީގައި ވަރަށް އިތުބާރާ އެކު މޮޑެލް ކުރަމުން ދިޔުމުން، ޝޯ ބަލަން ތިބި ގިނަ މީހުންނަށް ހީވީ މިއީ ހަމަ އެ ޝޯގެ ތަފާތު ޑިޒައިންއެއް ދައްކާލަނީ ކަމަށެވެ. އެހެން ނަމަވެސް އޭނާ ރަންވޭގެ މެދުތެރެއާ ހިސާބަށް ދިޔަ ތަނުން ސެކިއުރިޓީ އޮފިސަރަކު ވަނީ ދުވެފައި ގޮސް އެމީހާ ހިފަހައްޓައި، ސްޓޭޖުން ބޭރަށް ގެންގޮސްފައެވެ. ސެކިއުރިޓީން އެމީހާ ނެރުނު އިރުވެސް ޝޯ ބަލަން ތިބި މީހުން ތިބީ ވާނުވާ ނޭނގިފައެވެ.
މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާ ގައި ވަރަށް ބޮޑަށް ވަނީ ދައުރުވެފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ގައި ހިޔާލު ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ، މިހާރަކަށް އައިސް ފެޝަން ދުނިޔޭގައި އާދަޔާ ހިލާފު ކަންކަން ކުރުމަކީ އާންމު ކަމަކަށް ވާތީ، ކުނި ކޮތަޅު ލައިގެން މީހަކު ނުކުތުމުން ވެސް އެއީ ފެޝަންގެ ބައެއް ކަމަށް ހީކުރެވުނީ ކަމަށެވެ. މި މީހާއަކީ "ޔޫޓިއުބް" ގައި މަޖާ ވީޑިއޯ ހަދާ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
