އެމެރިކާގެ ކެލިފޯނިއާގެ ލޮލުގެ ޑޮކްޓަރަކު އުމުރުން ދުވަސްވީ އަންހެނެއްގެ ލޮލުން 23 ކޮންޓެކްޓް ލެންސް ނަގައިފިއެވެ. ޑޮކްޓަރު ކެޓެރީނާ ކުރްތީވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މި މަންޒަރު ފެންނަ ވީޑިއޯ ވައިރަލްވުމާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ތިބީ ހައިރާންވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ އަންހެން މީހާ ލޮލަށް އުނދަގޫތަކެއް ވާތީ ކްލިނިކަށް ދެއްކުމުންނެވެ.

މި ލެންސްތައް ނެގި ޑޮކްޓަރު މައުލޫމާތު ދީފައިވާ ގޮތުގައި، އެ އަންހެން މީހާ ވަނީ ކުރިން ލައްވާފައި ހުރި ލެންސް ނުނަގައި އޭގެ މައްޗަށް އާ ލެންސް ލައްވަމުން ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ މަތީ ފަފުގެ ތެރޭގައި ލެންސްތައް ފުނިޖެހި، "ކާޑުތަކެއް ހެން" ތަތްވެފައި ހުއްޓެވެ. ޑޮކްޓަރު ވަނީ ކަފަ ބުރެއް ބޭނުންކޮށްގެން ވަރަށް ފަރުވާތެރިކަމާ އެކު މި ހުރިހާ ލެންސްތަކެއް ވަކިވަކިން އެ އަންހެން މީހާގެ ލޮލުން ނަގައިފަ އެވެ. ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި މި ލެންސްތައް ހުރީ ދުވަސްވެ، ކުލަ ބަދަލުވެފަ އެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިހާ ގިނަ ދުވަހު ލެންސް ނުނަގައި ހުރުމުން ލޮލުގެ ފެނުމަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރު ބުންޏެވެ. ނަސީބަކުން މި ހާދިސާގައި ބަލި މީހާގެ ލޮލަށް ދާއިމީ ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ޑޮކްޓަރު ވަނީ ކޮންޓެކްޓް ލެންސް ބޭނުންކުރާ މީހުން ނިދުމުގެ ކުރިން ލެންސް ނެގުމަށާއި، ލޮލުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.