ސޯޝަލް މީޑިއާގެ މަޝްހޫރު މަންސަ، ޓިކްޓޮކްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. އަމްޖު ނިޔާވުމާ ގުޅިގެން އޭނާ ދަންނަ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

އަމްޖު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އޭނާ މަސައްކަތް ކުރަމުން ދިޔަ ދޯނި ތެރެއިންނެވެ. އޭނާ ފެނިފައި ވަނީ "ސެކިޔޯ" ނަމަކަށް ކިޔާ ދޯނީގެ ވީލް ހައުސް ތެރޭގައި ހުއްޓައެވެ.

މި ހިތާމަވެރި ހާދިސާ ހިނގި އިރު، އަމްޖު މަސައްކަތް ކުރަމުން ދިޔައީ އެ ދޯނީގެ ކެޕްޓަންގެ ގޮތުގައެވެ. ކުއްލި ގޮތަކަށް އޭނާ ނިޔާވާން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.

އަމްޖުއަކީ ޓިކްޓޮކް ރާއްޖޭގައި މަޝްހޫރުވާން ފެށި ހިސާބުން ފެށިގެން އެ ޕްލެޓްފޯމުގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ތަފާތު އެކި ކަހަލަ ވީޑިއޯތައް މެދުވެރިކޮށް އާންމުންގެ ލޯބި އޭނާ ވަނީ ހޯދާފައެވެ.