މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައިވާ މަސްދަޅު ކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި ފަހަރު 118،000 ކޭސް ބެހުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތުގެ ތެރެއިން މިހާރުވެސް 3،000 އަށް ވުރެ ގިނަ ކޭސް އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ގުދަންކޮށްފައެވެ. އެގޮތުން އައްޑޫ ހިތަދޫ ޕޯޓާއި ހދ. ކުޅުދުއްފުށި ޕޯޓުގައި މިހާރު ވެސް ގިނަ އަދަދެއްގެ މަސްދަޅު ކޭސް ބަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަވާފައި ވަނީ ކޮންމެ ރޯދަ މަހަކު ވެސް، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. މިދިޔަ އަހަރު ވެސް މި ސިޔާސަތުގެ ދަށުން މުޅި ރާއްޖެއިން ޖުމްލަ 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ބެހި 50،519 ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ބެހި 60،712 މަސްދަޅު ކޭސް ހިމެނެއެވެ.
މިއަހަރުގެ ރޯދަ މަހަށް ވެސް ސަރުކާރުން މިހާރު ވަނީ ތައްޔާރުވުންތައް ފަށާފައެވެ. ކާބޯތަކެތީގެ އަގު ހެޔޮކުރުމަށާއި، ކާބޯތަކެތި ލިބުން ފަސޭހަ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
