ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އާ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު، އެ ތަނަކީ ޑިމޮކްރެސީގެ ރިވެތި އުސޫލުން ސިޔާސީ ޕާޓީއެއް ހިންގުމަށް ލިބުނު ވަރަށް މުހިންމު ވަސީލަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރު އާޓިފިޝަލް ބީޗު ކުރިމައްޗަށް ވާގޮތަށް ހުންނަ މި އޮފީހަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އޮފީސް ތަރައްގީކޮށްފައި ވަނީ ސިޔާސީ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތަށެވެ. އަދި މިއީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ޑިމޮކްރެސީ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ އާ އޮފީސް ގާއިމުކޮށްފައި ވަނީ މީގެ ކުރިން އިދިކޮޅު އެމްޑީޕީ އާއި އޭގެ ފަހުން އުފެއްދި ދަ ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގޭގަ އެވެ. ނަމަވެސް އެ ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިމާރާތް ވަނީ ހަތަރު ބުރިއަށް އުސްކޮށްފަ އެވެ. މީގެ އިތުރުން އޮފީހުގެ ބޭރުގައި ބޮޑު ލެޑް ސްކްރީނެއް ހަރުކޮށް، ޕާޓީގެ މައުލޫމާތު އާންމުންނަށް ފެންނާނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާ ފުރިހަމައަށް ތަރައްގީކޮށްފައިވާ ފުރަތަމަ އޮފީސް އިމާރާތް ކަމަށް ބެލެވެ އެވެ.
މި ވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ޕާޓީގައި 74،000 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވެ އެވެ.
