އީރާނުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ އިންޓަނެޓުގެ ހިދުމަތް ކަނޑާލައި މުއާސަލާތީ ހިދުމަތްތައް އެއްކޮށް ހުއްޓުމަކަށް ގެނެސްފިއެވެ.
ދުނިޔޭގެ އިންޓަނެޓު ހިދުމަތްތައް މޮނިޓާ ކުރާ އިންޓަނޭޝަނަލް އިދާރާއެއް ކަމަށްވާ ނެޓްބްލޮކްސް އިން ވަނީ އީރާނުގެ އިންޓަނެޓު ކަނެކްޝަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ނެޓްބްލޮކްސް އިން އާންމުކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، އީރާނުގެ މައިގަނޑު މޯބައިލް ނެޓްވޯކްތަކުގެ ހިދުމަތް ވަނީ މުޅިން މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެކަކު އަނެކަކާ ގުޅައި މުއާސަލާތު ކުރުމަށާއި، މައުލޫމާތު ބަދަލުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި އީރާނުން މިހާ ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތް ބްލޮކްކުރި ފުރަތަމަ ފަހަރެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޓަނެޓް ކަނޑާލާފައި މިވަނީ ތެހެރާނާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް މުޒާހަރާތަކުގެ ވީޑިއޯއާއި ފޮޓޯ ފެތުރުން ހުއްޓުވުމަށާއި، މީހުން އެއްތަންވުމަށް ރާވާ ރޭވުންތަކަށް ހުރަސްއެޅުމަކީ މީގެ މައިގަނޑު ބޭނުން ކަމަށް ބެލެވެއެވެ.
އީރާނުގެ ރައްޔިތުންނަށް ވަޓްސްއެޕް އަދި އިންސްޓަގްރާމް ފަދަ މުހިންމު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އިންޓަނެޓް ބްލޮކް ކުރުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީރާނުގެ ސަރުކާރުން ރަސްމީކޮށް މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އީރާނުގައި ހިނގި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ދުވަސްތަކެއް ވަަންދެން އިންޓަނެޓް ކަނޑާލާފައިވެއެވެ. އޮފިޝަލުން އާންމުކޮށް ވިދާޅުވަނީ މިއީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅާ ޒަރޫރީ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އާންމުން ބުނަމުންދަނީ މިއީ އެމީހުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
