އިސްލާމް ދީނުގައި ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރި، އަދި އެންމެ ބަރަކާތްތެރި ދުވަހެވެ.
މި ދުވަހަކީ މުސްލިމުންނަށް ލިބިފައިވާ އީދެއް ކަމުގައި ވުމުގެ އިތުރުން، އާދަމްގެފާނު ހެއްދެވީ ވެސް އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވީވެސް މި ދުވަހުގައެވެ.
މި ދުވަހުގެ މަތިވެރިކަން ބަޔާންކޮށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައި ވަނީ، އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވާ ދުވަހަކީ ހުކުރު ދުވަސް ކަމަށެވެ.
މުއުމިނުންނަށް މި ދުވަހު ހެޔޮ އަމަލުކޮށް، މާތް ﷲ ގެ ހަޒުރަތުން ފާފަ ފުއްސެވުމަށް އެދުމަށް ލިބޭ ރަނުގެ ފުރުސަތަކަށް މި ދުވަސް ވެގެންދެއެވެ.
މި ދުވަހުގެ އެންމެ ހާއްސަ އެއް ސިފައަކީ، ދުއާ އިޖާބަ ކުރައްވާ ވަގުތެއް މި ދުވަހުގައި ލައްވާފައި ވުމެވެ. މި ވަގުތުކޮޅަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، އެ ވަގުތުގައި މުސްލިމް އަޅާ، ހަރާމް ކަމަކަށް ނޭދޭހާ ހިނދަކު، ކުރާ ކޮންމެ ދުއާއެއް މާތް ﷲ އިޖާބަ ކުރައްވާނެ ކަމަށް ރަސޫލާގެ ހަދީސްތަކުން އެނގެން އޮވެއެވެ.
އިލްމުވެރިންގެ މެދުގައި މި ވަގުތާ މެދު ތަފާތު ރައުޔުތައް ހުރި ނަމަވެސް، ގިނަ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުގައި އެ ވަގުތަކީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު، އިރުއޮއްސުމުގެ ކުރީ ވަގުތެވެ. އެހެންކަމުން އެ ވަގުތުގައި ދުނިޔެއާއި އާހިރަތުގެ ހެޔޮކަމަށް އެދި ދުއާކުރުމުގައި ދެމިތިބުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ހުކުރު ދުވަހުގެ ބަރަކާތް އިތުރުކުރުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު ސުންނަތްތަކުގެ ތެރޭގައި ކަހަފް ސޫރަތް ކިޔެވުން ހިމެނެއެވެ. މި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާ ހަމައަށް އެމީހަކަށްޓަކައި އަލިކަމެއް ނުވަތަ ނޫރެއް ލައްވާނެ ކަމަށް ހަދީސްތަކުގައި ވާރިދުވެފައިވެއެވެ.
ހުކުރު ދުވަހު ރަސޫލާގެ މައްޗަށް ގިނަގިނައިން ސަލަވާތް ކިޔެވުމަށް އެކަލޭގެފާނު އަމުރު ކުރައްވާފައިވެއެވެ. ސަބަބަކީ މި ދުވަހު އުއްމަތުގެ މީހުން ކިޔަވާ ސަލަވާތް، އެކަލޭގެފާނަށް ހުށަހެޅޭތީއެވެ. ވީމާ ހިނގަމުންދާއިރު ނުވަތަ ކަމެއްގައި އުޅޭއިރުވެސް ދުލުން ސަލަވާތް ކިޔުމަށް އާދަކުރަން ޖެހެއެވެ.
ހުކުރު ނަމާދަށް އަވަހަށް މިސްކިތަށް ދިއުމަކީވެސް ވަރަށް ބޮޑު ދަރުމައެއް ލިބޭ ކަމެކެވެ. މަލާއިކަތުން މިސްކިތުގެ ދޮރުމަތީގައި ތިއްބަވައިގެން، އެންމެ ފުރަތަމަ މިސްކިތަށް ވަންނަ މީހުންގެ ލިސްޓު ލިޔުއްވާ ކަމަށާއި، އިމާމު މީހާ ހުތުބާ ކިޔުމަށް ނުކުތުމުން އެ ފަތްތައް ލައްޕަވާލައްވާ ކަމަށް އައިސްފައިވެއެވެ.
އެންމެ ކުރިން މިސްކިތަށްދާ މީހާއަށް ޖަމަލެއް ހަދިޔާކުރި ފަދަ ސަވާބު ލިބޭއިރު، ލަހުން ދާ މީހުންނަށް އެ ސަވާބު ކުޑަވަމުންދެއެވެ. އަދި ހުތުބާ ކިޔަމުންދާ ވަގުތު ވާހަކަދެއްކުމާއި، ފޯނާ ކުޅުން ފަދަ ކަންކަމަކީ ހުކުރުގެ ސަވާބު އުނިވާ ކަމެއް ކަމުގައި އިލްމުވެރިން އިންޒާރު ކުރައްވައެވެ.
ހުކުރު ދުވަހަކީ މުސްލިމުންގެ އީމާންކަން ތާޒާކޮށް، މުޅި ހަފުތާގެ ވަރުބަލިކަމާއި ޣާފިލުކަމުން ހިތްތައް ސާފުކޮށްލަން ލިބޭ ފުރުސަތެކެވެ. އެދުވަހު ހަމައެކަނި ނިދުމާއި މަޖާކުރުމުގައި ވަގުތުތައް ބޭކާރުކޮށްލުމަކީ ދެރަ ކަމެކެވެ.
ރަސޫލާ ވަނީ އުޒުރަކާ ނުލައި ފުލުފުލުގައި ތިން ހުކުރު އަޅައިފި މީހާގެ ހިތުގައި ސިއްކަ ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެހެންކަމުން ހުކުރު ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އަޒުމް ކަނޑައަޅަމާތޯއެވެ.
