ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ މީހުން ބޭނުންކުރާ މުވާސަލާތީ އެޕްލިކޭޝަން ކަމަށްވާ "ވަޓްސްއަޕް" ބޭނުންކުރާ ފަރާތްތަކުން، އެ އެޕްލިކޭޝަންގެ ސެކިއުރިޓީ ކަންކަމަށް އިތުރަށް ސަމާލުވުމަށް ސައިބަ ސެކިއުރިޓީ މާހިރުން އިންޒާރު ދީފިއެވެ.

މި އިންޒާރު އައިސްފައި މިވަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް، އަމިއްލަ މައުލޫމާތުތައް ލީކުކުރާ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓެކްނޮލޮޖީ މާހިރުން ފާހަގަކުރާ ގޮތުގައި ވަޓްސްއަޕް ބޭނުންކުރާ ގިނަ ބަޔަކު އަޅާނުލައި ދޫކޮށްލާ "ޓޫ ސްޓެޕް ވެރިފިކޭޝަން" އަކީ މައުލޫމާތުތައް ރައްކާތެރިކުރުމަށް އެންމެ މުހިންމު ސެޓިންއެވެ. މި ސެޓިން ނުޖައްސާ ހުރުމުގެ ސަބަބުން، ހެކަރުންނަށް ފަސޭހަކަމާ އެކު އެހެން ޑިވައިސްއަކަށް އެކައުންޓް ބަދަލުކޮށްލުމުގެ ފުރުސަތު ލިބެއެވެ. ޓޫ ސްޓެޕް ވެރިފިކޭޝަން ޖެއްސުމުން، އެކައުންޓަށް ވަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ޕިން ކޯޑެއް ޖަހަން މަޖުބޫރުވާނެއެވެ. މިއީ ފޯނަށް އަންނަ އޯޓީޕީ ކޯޑު މީހަކަށް ލިބުނަސް، އެކައުންޓް ހެކްވިޔަ ނުދިނުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

މީގެ އިތުރުން، ވަޓްސްއަޕްގައި ކުރެވޭ މުއާމަލާތްތަކުގެ "ބެކަޕް" ރައްކާތެރިކުރުމަށް "އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ބެކަޕް" ސެޓިން އޮން ކުރުމަށް ވެސް މާހިރުން ލަފާދެއެވެ. ގިނަ މީހުން ގޫގުލް ޑްރައިވް ނުވަތަ އައިކްލައުޑްގައި މެސެޖުތައް ބެކަޕް ކުރާއިރު، މި ސެޓިން އޮން ނުކުރާނަމަ، ކްލައުޑް ހިދުމަތްދޭ ފަރާތްތަކަށް ނުވަތަ އެ ފަރާތްތަކުގެ ސާވާ ހެކްކޮށްގެން ތިމާގެ ޒާތީ މައުލޫމާތާއި ފޮޓޯތައް ބެލުމުގެ ފުރުސަތު އޮވެއެވެ. މި ސެޓިން ބަދަލުކޮށްލުމުން ބެކަޕްގައިވާ މައުލޫމާތު ހުޅުވޭނީ ހަމައެކަނި އެކައުންޓް ވެރިފަރާތަށް އެނގޭ ޕާސްވޯޑަކުންނެވެ.

ވަޓްސްއަޕް އިން ދާދި ފަހުން ތައާރަފުކުރި "ސައިލެންސް އަންނޯން ކޯލާސް" ފީޗާއަކީ ވެސް ބޭނުންކުރުން މުހިންމު ސެޓިންއެކެވެ. މިއީ ނުދަންނަ ނަންބަރުތަކުން އަންނަ ކޯލުތަކާއި ސްކޭމް ކޯލުތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރާއްޖޭގައި ވެސް ސްކޭމްތައް އިތުރުވެ، އެކި ގޮތްގޮތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަ ބޮޑުވެފައިވާއިރު، އެޕްލިކޭޝަންގެ ޕްރައިވެސީ ޗެކަޕް ހަދައި، މިފަދަ ސެޓިންތައް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.