ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި މަރިޔަމް އަޝްފާގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމްގައި ފޭކު އެކައުންޓެއް ހަދައިގެން ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އޭނާ އެދިއްޖެއެވެ.
އަޝްފާ ވަނީ އޭނާގެ އަސްލު އެކައުންޓް މެދުވެރިކޮށް، އެ ފޭކު އެކައުންޓްގެ މައުލޫމާތު ފޭނުންނާ ހިއްސާކޮށް، އެކަމަށް ސަމާލުވުމަށް އިންޒާރު ދީފައެވެ.
އަޝްފާ ބުނީ އޭނާގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ މި އެކައުންޓުން އެކި ފަރާތްތަކަށް ފޮލޯ ރިކުއެސްޓް ފޮނުވައި، މެސެޖު ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެ އެކައުންޓް ރިޕޯޓު ކޮށްދިނުމަށާއި، އެއީ އޭނާ ބޭނުންކުރާ އެކައުންޓެއް ނޫންކަން އަންގައިދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ވަނީ ވާހަކަ ދައްކާފައެވެ.
އަޝްފާގެ ރަސްމީ އެކައުންޓް ނޫން އެހެން އެކައުންޓަކުން ކުރާ މުއާމަލާތްތަކަށް ޖަވާބު ނުދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ ފިލްމީ ތަރިންނާއި މަޝްހޫރު ފަރާތްތަކުގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފޭކު ޕޭޖުތަކާއި އެކައުންޓްތައް ހަދައި، މީހުންނަށް އޮޅުވާލައިގެން މުއާމަލާތް ކުރުމަކީ ސޯޝަލް މީޑިއާގައި ވަރަށް އާންމު ކަމެކެވެ. އެހެންކަމުން ސޯޝަލް މީޑިއާ ބޭނުންކުރުމުގައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
