އިނގިރޭސި ވިލާތުގެ ބާމިންހަމް ސިޓީގެ އުޑުމަތިން ފެނުނު އާދަޔާ ހިލާފު މަންޒަރަކާ އެކު އެ ސަރަހައްދުގެ އެތައް ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ. ރޭގެ ވަގުތެއްގައި ކުއްލިއަކަށް އުޑުމަތި ދިއްލި، މުޅި ސަރަހައްދު ގަދަ ފިޔާތޮށި އަދި ދަނބު ކުލައަކަށް ބަދަލުވެގެން ދިޔުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
މިކަން ހިނގަން މެދުވެރިވި ހަގީގީ ސަބަބު މިހާރު ވަނީ ސާފުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެ ސަރަހައްދުގައި ހުންނަ ދަނޑުވެރިކަން ކުރާ ބޮޑު ތަނަކުން ބޭނުންކުރާ ހާއްސަ ބޮކިތަކެއްގެ އަލި އުޑުމައްޗަށް އެޅިގެން ދިމާވި ކަމެކެވެ. ޓޮމާޓޯ ފަދަ ތަކެތި ހެއްދުމަށް ބޭނުންކުރާ "އެލްއީޑީ" ލައިޓް ސިސްޓަމްތަކުން އަރާ ގަދަ އަލި، އުޑުމަތީގައި ހުރި ބޯ ވިލާތަކުގައި ޖެހި، މުޅި ސަރަހައްދަށް އެ އަލި ފެތުރިގެން ދިޔައީ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

މި މަންޒަރު ފެނުމުން ބައެއް އާންމުން ވަނީ މިއީ ދުނިޔެ ނިމުމުގެ އަލާމާތެއް ކަމަށް ނުވަތަ "އޭލިއަނުން" އައީ ކަމަށް ބުނެ ސަމާސާ ވާހަކަތައް ވެސް ދައްކާފައެވެ.
ނަމަވެސް ކަމާބެހޭ މާހިރުން ބުނެފައި ވަނީ މިއީ އިންސާނުން އުފައްދާ އަލީގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި، މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގެ އެހެން ސަރަހައްދުތަކުގައި ވިލާތައް ބޯވެ، ތިރިވެފައިވާ ރޭތަކުގައި މިފަދަ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.
