ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމްތައް މެއިންޓެނަންސް މަސައްކަތަކަށް ނިއްވާލަން ޖެހޭތީ، މިރޭ ދަންވަރު އެ ބޭންކުގެ ކާޑާއި އޭޓީއެމްގެ އިތުރުން ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިކަން ހާމަކޮށް ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ހިދުމަތްތަކަށް ބުރޫއަރާނީ މިރޭ މެންދަމު 1:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މި ވަގުތުގެ ތެރޭގައި ގާތްގަނޑަކަށް އެއް ގަޑިއިރެއްހާ އިރަށް ބޭންކުގެ ގިނަ ހިދުމަތްތަކެއް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މި ވަގުތުތަކުގައި ބޭނުންކުރުމަށް ދަތިވާނެ ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް ބޭންކިން، މޯބައިލް އެޕް އަދި ޑޮލަރު ބުކިން ޕޯޓަލް ފަދަ އޮންލައިން ހިދުމަތްތައް ހިމެނެއެވެ. ހަމައެއާއެކު އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުގެ އިތުރުން ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ވެސް މި ވަގުތުތަކުގައި މެދުކެނޑިދާނެ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ގައުމީ ބޭންކުން ބުނީ މި މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސިސްޓަމްތަކަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބީއެމްއެލް އިން ވަނީ މާފަށް އެދިފައެވެ.