އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން އިއުލާންކުރި 7،000 އޮފިޝަލުން އަދިވެސް ހަމަނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އީސީން އޮފިޝަލުން ހޯދަން އިއުލާން ކުރީ ނިމިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އޮފިޝަލުން ހޯދުމަށް ހުޅުވައިލި ފުރުސަތު ހަމަވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ތާރީހާ ހަމައަށް ބޭނުންވާ ވަރަށް މީހުން ކުރިމަތިލައިފައި ނުވާކަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މުއްދަތު ހަމަވިއިރު އޮފިޝަލުން ހަމަނުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަން ފުރިހަމަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބު އޮންނަ ދުވަސްވަރު ރޯދަ މަސް އަންނާތީ، ދުވަސްތަކެއް ގެއްލޭނެ ކަމަށް ބަލައި ކޮމިޝަނުން ވަނީ މަސައްކަތްތައް ދުރާލާ ފަށައިފައެވެ. ޒާހިދު ފާހަގަކުރެއްވި ގޮތުގައި މަސައްކަތްތައް އަވަސްކޮށްފައި ވަނީ ރޯދަ މަހުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމަށެވެ.
އިންތިހާބުގެ އޮފިޝަލުން ތަމްރީނު ކުރުމަށްޓަކައި ހާއްސަ އަތްމަތީ ފޮތެއް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވެސް އީސީން ބުންޏެވެ. ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ އޮފިޝަލުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވުމެވެ.
